އަކްބަރު ޖަމާލް
އިންސާނީ ނަފްސާނީ ޢިލްމުގައި ޤަބޫލުކުރެވޭ އެއް އުސޫލަކީ، މީހަކަށް އޭނާގެ އަމިއްލަ ބަލިކަށިކަން ނުވަތަ ނާކާމިޔާބީ ޤަބޫލުނުކުރެވޭ ނުވަތަ ތަޙައްމަލު ނުކުރެވޭ ވަގުތު، އޭނާގެ ރުޅިވެރިކަމާއި މާޔޫސްކަން އަނބުރާ އަމާޒުކޮށް، ފަހަތަށް ޖެހުމަށް ކުޅަދާނަ ނޫން ކަމަށް ދެކޭ މީހަކާ ދިމާއަށެވެ. ސައިކޮލޮޖީގައި މިކަން ކިޔަނީ ޑިސްޕްލޭސްމަންޓް އެވެ. އާންމު ބަހުން ގިނައިން ސިފަކުރެވެނީ ބުޅަލަށް ފިރުމާލުމެއްގެ ގޮތުގައެވެ: މަސައްކަތުގައި ވެރިމީހާގެ ފަރާތުން ނިކަމެތިވާ މުވައްޒަފު ގެއަށް އައިސް މައުސޫމް ކުދިންގެ މައްޗަށް އެކަން ނެރެއެވެ.
މުސީބާތް ފެށެނީ ހަމަ މި ނަފްސާނީ އުސޫލު ދައުލަތެއްގެ ސަލާމަތީ ވަސީލަތްތަކާއި ޚާރިޖީ ސިޔާސަތުގެ ބަޔަކަށް ވެގެން ދިއުމުންނެވެ. އެ ހިސާބުން އެއީ ހަމައެކަނި އަޚްލާޤީ ނާކާމިޔާބީއެއް ނޫނެވެ. އެއީ ބޯޑަރުތަކުން ބޭރަށް ފެތުރި، މުޅި ސަރަހައްދެއް އޭގެ ނަތީޖާތަކުގެ ތެރެއަށް ދަމައިގަންނަ ސްޓްރެޓެޖިކް ކްރައިސިސްއަކަށް ވެގެންދެއެވެ. މިއަދު ޕާކިސްތާނުގެ އަސްކަރީ ވާހަކައާއި އަވަށްޓެރި ޤައުމުތަކާ މެދު ޕާކިސްތާނުގެ އަމަލުތައް ވެފައިވަނީ މިބާވަތުގެ ނަފްސާނީ އަދި ސިޔާސީ ފުށުއެރުންތަކުގެ ކްލާސިކް އަދި ހާސްކުރުވަނިވި މިސާލަކަށެވެ.
ކަރާޗީގެ ހިތުގައިވާ ރޭންޖާސްގެ މައި މަރުކަޒަށް ޖަމާޢަތުލް އަޙްރާރު (ޖޫއޭ) އިން ދައުވާކުރި ހަމަލާއާއި، އޭގެ ފަހުން ހިނގި ހުރިހާ ކަމެއްގެ ސަބަބުން މި ފުށުއެރުން ފުރިހަމައަށް ހާމަވެގެން ދިޔައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ވަރަށް ބޮޑަށް ކިއްލާ ޖަހާފައިވާ ކޮމްޕައުންޑަށް އަމާޒުކޮށްފައި ވަނީ އެންމެ ހަތް ނުވަ މީހުންނެވެ. މިނިވަން މަސްދަރުތަކުން ބުނާ ގޮތުގައި ރޭންޖާސްގެ ހަތަރު ވިހި އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.
ކޮންމެ އާދައިގެ މީހަކުވެސް ގުދުރަތީ ގޮތުން ކުރާނީ ސާދާ ސުވާލެކެވެ: މި ހަމަލާދިން މީހުން އައީ ކޮންތާކުންތޯއާއި، އެމީހުން އެތަނަށް ދިޔައީ ކިހިނެއްތޯއެވެ؟
އަމިއްލަ ސަރަހައްދުގެ ތެރޭގައި މި ޖާސޫސީ ނާކާމިޔާބީ ތަހުގީގު ކުރުމުގެ ބަދަލުގައި ޕާކިސްތާނުގެ ސަރުކާރާއި އަސްކަރިއްޔާއިން ގަޑިތަކެއްގެ ތެރޭގައި ނެރެޓިވް އެއް އުފައްދައި، ހަމަލާދިން މީހުންގެ ތެރެއިން އެކަކީ މީގެ ދުވަސްކޮޅެއް ކުރިން ޑޫރަންޑް ލައިން ހުރަސްކުރި އަފްޣާން ރައްޔިތެއް ކަމަށް ބުނެ އެވެ. އަސްކަރިއްޔާއިން ވަނީ ބަންދުކޮށްފައި ހުރި މީހާގެ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ. އެކަމަކު އެވާހަކަ އެންމެ ފުރަތަމަ ފުނޑުފުނޑުވާން ފެށީ އެހިސާބުންނެވެ.
އެމީހާގެ ލަވަކިޔުމާއި ވާހަކަ ދެއްކުމާއި ބަހުގެ ސްޓައިލުން ސާފުވީ އޭނާ ނިސްބަތްވަނީ އަފްޣާނިސްތާނުގައި ވާހަކަ ދައްކާ އެއްވެސް ބަހުރުވައަކަށް ނޫން ކަމަށާއި އޭނާ ނިސްބަތްވަނީ ޕެޝަވާރާއި ވަށައިގެންވާ ސަރަހައްދުތަކުގައި ވާހަކަ ދައްކާ ޕަޝްޓޯ ބަހަކަށެވެ. އެ ފުށުއެރުން އެކަނިވެސް އެނގުނީ އަސްކަރިއްޔާގެ ވާހަކަ ބިނާވެފައި އޮތީ ޙަޤީޤަތްތަކެއްގެ މައްޗަށް ނޫން ކަމަށާއި ކުރިން ކަނޑައެޅިފައިވާ ސްޓްރެޓެޖިކް މަޤްޞަދުތަކެއްގެ މައްޗަށް ކަމަށެވެ.
މުޅި މައްސަލައިގެ އެންމެ ހައިރާން ކުރުވަނިވި ބަޔަކީ ޕާކިސްތާނުގެ ޖާސޫސީ ވަސީލަތްތަކުގެ ވަރަށް ސެލެކްޓިވް އެފިޝަންސީ އެވެ.
އެއްފަރާތުން ޕާކިސްތާނުން ބުނާ ގޮތުގައި ޗިޓްރަލް އިން ފެށިގެން ކަންދަހާރާ ހަމައަށް މުޅި ފްރޮންޓިއާ ވަރުގަދަ ކުރުމަށް ބިލިއަން ރުފިޔާ ހަރަދުކޮށް، ފެންސިން ޖަހައި ބަޔޮމެޓްރިކް ސިސްޓަމްތަކާއި ޒަމާނީ ތަމަލް ސަރވޭލަންސް ޓެކްނޮލޮޖީ ގާއިމްކޮށްފައިވެ އެވެ. ނަމަވެސް ހަތިޔާރު އެޅި މީހުންނަށް ކޮންމެވެސް ގޮތަކުން ހަތިޔާރާއެކު އެ ސަރަހައްދުގެ ގާތްގަނޑަކަށް 1،500 ކިލޯމީޓަރު ހުރަސްކޮށް، ބަޖާއުރުން ފެށިގެން ޚައިބަރު ޕަޚްތުންޚްވާ، ޕަންޖާބު ނުވަތަ ބަލޫޗިސްތާނަށް ދަތުރުކުރެވޭއިރު، ޖާސޫސީ ޚިދުމަތްތަކަށް މުޅިން ނޭނގެއެވެ.
ދެން ކަރާޗީގައި ހަމަލާއެއް ދޭ ހިސާބުން ހަމަ އެ ޖާސޫސީ ނިޒާމު ކުއްލިއަކަށް ހޭލައެވެ. ގަޑިއެއްހާއިރުގެ ތެރޭގައި ހަމަލާދިން މީހުން އައީ ސީދާ ކޮންތާކުންކަން އެނގޭ ކަމަށް ބުނެ، ރޭ ނިމުމުގެ ކުރިން އަފްޣާނިސްތާނުގެ ކުނާރު، ޕަކްޓިއާ އަދި ޕަކްޓިކާ ޕްރޮވިންސްތަކުގައި ކަމަށް ބުނާ އަމާޒުތަކަށް ވައިގެ ހަމަލާތައް ދެއެވެ.
ސާފު ސުވާލަކީ މިއީ: ޖާސޫސީ ޚިދުމަތަކަށް އަމިއްލަ ގައުމުގެ އެތެރޭގައި 1500 ކިލޯމީޓަރު ދުރަށް ދަތުރުކުރާ ހަތިޔާރު އެޅި ޖަމާއަތްތައް ދެނެގަނެވޭ ގޮތެއް ނުވެއްޖެނަމަ، އެހެން ގައުމެއްގެ ފަރުބަދަތަކާ ބެހޭގޮތުން ވާހަކަ ދައްކާއިރު ކުއްލިއަކަށް އެހާ ސީދާ އަދި ވަރުގަދަ ވާނީ ކިހިނެއް ހެއްޔެވެ؟
މި ފުށުއެރުމުން އެއްކަމެއް ސާފުވެގެންދެއެވެ. އެ ހަޅުތާލުތަކަކީ ކުއްލިއަކަށް ޖާސޫސީ ދާއިރާއިން ލިބުނު ކުރިއެރުމެއްގެ ނަތީޖާއެއް ނޫނެވެ. އެއީ އާންމުންގެ ރުޅިވެރިކަން އަލުން އަމާޒުކޮށް، އަވަށްޓެރި ގައުމެއްގެ ބޮލުގައި އަޅުވައިގެން ނާކާމިޔާބީއެއް ފޮރުވަން ކުރި މަސައްކަތެކެވެ.
މި މުޅި އެޕިސޯޑްގައި ޕާކިސްތާނުގެ ގިނަ މީޑިއާތަކާއި އަމިއްލައަށް ސްޓައިލް ކުރާ ބައެއް ތިންކް ޓެންކްތަކުން ވަނީ އަސްކަރިއްޔާގެ ވާޝަންގެ ހާދިސާތައް ގުގުމާލުމުގައި އެމީހުންނަށް އާދަޔާ ހިލާފު ދައުރު އަދާކޮށްފަ އެވެ. އެމީހުން ރަސްމީ ބްރީފިންގްތައް ތަކުރާރުކޮށް، އެންމެ ސީރިއަސް ސުވާލެއް ވެސް ނުކޮށް، އަފްޣާނިސްތާނާ ދެކޮޅަށް ކުރިމަތިލުމުގެ އާޓިފިޝަލް މާހައުލެއް އުފެއްދުމަށް އެހީތެރިވެދިނެވެ. ބޯޑަރު މެނޭޖްމަންޓާއި، ރޫޓް ސަރވޭލަންސް އާއި، އިންޓެލިޖެންސް ކޯޑިނޭޝަން އާއި ބެހޭ ގޮތުން އަސާސީ ސުވާލުތައް ކުރަން އެއްވެސް މީހަކަށް ނުކެރުނެވެ. މިފަދަ ސުވާލުތައް އުފައްދާ ކޮންމެ މީހަކީ ޚިޔާނާތްތެރިއެއް ނުވަތަ ޓެރަރިޒަމަށް ތާއީދުކުރާ މީހެއްގެ ގޮތުގައި ބްރޭންޑްކޮށް، ނުވަތަ ހަމައެކަނި ހިމޭންކޮށްލާ މީހެކެވެ.
ޕާކިސްތާނުގެ ސުލޫކުގައި ހުރި އަނެއް ފުން ފުށުއެރުމަކީ ބާރުގެ އިންބަލެންސް ނެތުމެވެ. ޕާކިސްތާނުން ތަކުރާރުކޮށް ބުނަނީ ބަލޫޗިސްތާނުގައި ބީއެލްއޭގެ އޮޕަރޭޝަންތަކުގެ ފަހަތުގައި އިންޑިއާގެ އަތް އޮތް ކަމަށާއި އެގައުމުގެ ލީޑަރުން ތިބީ އީރާނުގެ އެތެރޭގައި ފޮރުވިފައި ކަމަށެވެ. ނަމަވެސް އަފްޣާނިސްތާނުގެ އެތެރޭގައި އާންމުކޮށް އިންޑިއާ ނުވަތަ އީރާނާ ދެކޮޅަށް ވައިގެ ހަމަލާތައް ދޭން ދުވަހަކުވެސް ނުކެރެއެވެ.
ސަބަބު ސާފުވެއެވެ. އެއީ ޑިޓަރެންސްގެ ބެލެންސް އެވެ.
އިންޑިއާ އާއި އީރާނުގައި ވެސް ޒަމާނީ ވައިގެ ސިފައިންނާއި ޒަމާނީ މިސައިލް ނިޒާމުތައް ހުރިކަން ޕާކިސްތާނުގެ އަސްކަރިއްޔާއަށް ފުރިހަމައަށް އެނގެ އެވެ. މިއާ ޚިލާފަށް އަފްޣާނިސްތާނުގައި މިވަގުތު ޒަމާނީ ވައިގެ ދިފާޢީ ނިޒާމެއްވެސް އަދި ހަނގުރާމަވެރި މަތިންދާބޯޓެއްވެސް ނެތެވެ. އެއީ ޕާކިސްތާނުގެ އަސްކަރިއްޔާއިން މިތަނުގައި ސިންގާގެ ރޯލުން ފެނިގެންދާ ސަބަބެވެ.
ހަގީގަތަކީ ޕާކިސްތާނުގެ އެތެރޭގައި ހަތިޔާރު އެޅި އަދި ސިޔާސީ ކޮންމެ ހަރަކާތަކީ، އެއްގޮތަކަށް ނުވަތަ އަނެއްގޮތަކަށް، ދައުލަތުގެ އަމިއްލަ އަނިޔާވެރިކަމާއި، ސިޔާސީ އަދި އިގްތިސާދީ ހައްގުތަކަށް އިންކާރުކުރުމާއި، ގަދަކަމުން ގެއްލުވާލުމުގެ އަމަލަށް ލިބޭ ގުދުރަތީ ޖަވާބެކެވެ. ދައުލަތަކުން އަމިއްލަ ރައްޔިތުންނަށް ބަޑި އަނބުރާލާއިރު، ކޮންމެހެން ވެސް ދެކޮޅުވެރިކަން ކުރިމަތިވާކަން ތާރީޚުން ތަކުރާރުކޮށް ދައްކާފައިވެއެވެ.
މި މައްސަލަތައް ހައްލުކުރުމުގެ އަސްލު ނިޔަތެއް އޮތްނަމަ، ޖަވާބަކީ ސިޔާސީ މަޝްވަރާތަކާއި، ތަރައްޤީއާއި، މީހުންގެ ހައްގުތައް އަލުން ހޯދައިދިނުމެވެ.
އެކަން ނުވަނީ އަސްކަރިއްޔާއިން މިހާރު އެތެރޭގެ ހަމަނުޖެހުންތަކަކީ ހަމައެކަނި ސަލާމަތީ މައްސަލައެއްގެ ގޮތުގައި ނުބަލާތީ އެވެ. ހަނގުރާމައިގެ އިޤްތިޞާދަކަށް ވެއްޖެއެވެ. ހަގީގީ ނުވަތަ ޚިޔާލީ ނުރައްކަލެއް އޮތްހާ ހިނދަކު، ޑިފެންސްގެ ބޮޑެތި ބަޖެޓްތަކާއި، އެލައިޓް އިމްތިޔާޒުތަކާއި، ސިޔާސީ ކަންކަމާއި އިގްތިސާދުގެ މައްޗަށް އަސްކަރިއްޔާގެ ބާރުވެރިކަން މިހުރިހާ ކަމެއް ވެސް ޖަސްޓިފައި ކުރެވިދާނެ އެވެ.
ތާރީޚުން އިތުރު ފިލާވަޅެއް ވެސް ދަސްކޮށްދެއެވެ. އަނިޔާވެރިކަމާއި ފުށުއެރުން ދުވަހަކުވެސް އަބަދަށް ދެމިގެން ނުދެއެވެ. އަފްޣާނިސްތާނަކީ މާއްދީ ވަސީލަތްތައް މަދު ނަމަވެސް، ސޯވިއެޓް ޔޫނިއަން އާއި އެމެރިކާ ފަދަ ދުނިޔޭގެ ބާރުތަކަށް الله އަށް އީމާންވުމާއި ސާބިތު ދެކޮޅުވެރިކަމުގެ ތެރެއިން ބަލި ގަބޫލުކުރަން މަޖުބޫރުވި ބިމެކެވެ.
ޕާކިސްތާނުގެ ސަލާމަތީ މުއައްސަސާއިން އެމީހުންގެ ނާކާމިޔާބީތަކުގެ ޒިންމާ އަފްޣާނިސްތާނުގެ ރައްޔިތުންގެ ބޮލުގައި އަޅުވައި، މައުސޫމް އަފްޣާނިސްތާނުގެ ލޭ އޮހޮރުވުން ރޫޓިން ޕޮލިސީއަކަށް ބަދަލުކޮށްފިނަމަ، ޑޫރަންޑް ލައިންގެ ދެފަރާތުގައި ވެސް ދެމިއޮންނަ ނަފްރަތާއި ބަދަލު ހިފުމުގެ އޮށް އިންދައިފި އެވެ. އެއްދުވަހަކު އެ ނަފްރަތުގެ ސަބަބުން ޕާކިސްތާނުގެ މުޅި އެތެރޭގެ ސަލާމަތީ އޮނިގަނޑު މުސީބާތަކަށް ވެއްޓި، ސަލާމަތް ނުވެވޭނެ ކޮމްޕްލެކްސިޓީއެއްގެ ފެންވަރަކަށް ގެންދެވޭނެ އެވެ.
އެވަގުތުގެ ބޭނުންތެރިކަމަކީ އަވަށްޓެރިއެއްގެ ފާރަށް ގަލުން އުކާފައި ނުވަތަ ކަތިލާ ބަކަރިތައް ހޯދަމުން ދިއުމެއް ނޫނެވެ. އެއީ އެތެރެއަށް ބަލައި އަމިއްލަ ނާކާމިޔާބީތަކާ ކުރިމަތިލުމެވެ.















































