އަބޫ އުމައިރުލް އަފްޣާނީ
އައިއެސް ޕްރޮޖެކްޓްގެ ފަހަތުގައިވާ ހުޅަނގުގެ މަގުސަދުތަކުގެ ތަފްސީލް
ފުރަތަމަ: އިސްލާމީ ނިޒާމަކާއި ޚިލާފަތަކީ އަނިޔާވެރިކަމާއި ހުދުމުހުތާރު ވެރިކަމުގެ ނިޒާމުތަކެއް ކަމަށާއި، މިޒަމާނުގައި އެކަން ނުކުރެވޭނެ ކަމަށް ހުޅަނގުގެ ދަޢުވާ ވަރުގަދަކުރުން.
މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ހުޅަނގުން އައިއެސްގެ ބޭނުން ހިފީ އެތައް ގޮތަކުންނެވެ:
އ.20 ވަނަ ގަރުނުގެ މެދުތެރެއަށްފަހު ގާތްގަނޑަކަށް ހުރިހާ އިސްލާމީ އަދި ފިޤުހު ޢިލްމުވެރިން އަޅުވެތިކަން ނިމުމަކަށް ގެނައުމަށް ތާއީދުކުރެއްވީ، އަޅުން މިނިވަންކުރުމަށް ހީވާގިކަމާއެކު ހިތްވަރުދީ، އެކަން ކުރުމުން އާޚިރަތުގައި ބޮޑެތި ޘަވާބުތައް ވަޢުދުވި ހަމައެކަނި ދީނަކީ އިސްލާމްދީން ކަމަށްވާތީއެވެ. ބައިނަލްއަޤްވާމީ ނިޒާމު އެންމެ ފަހުން އަޅުވެތިކަމުގެ ޒަމާން ނިމުމަކަށް އައުމުން އިސްލާމީ ޤައުމުތަކާއި ޢިލްމުވެރިންވެސް މި ބަދަލު ޤަބޫލުކޮށް ތާއީދުކުރިއެވެ. އުސްމާނީ ޚިލާފަތުގެ އެންމެ ފަހު އަހަރުތަކުގައި އަޅުން ގަނެ ވިއްކުމަށް ހުޅުވިފައިވާ ބާޒާރުތައް ބަންދުކުރިއެވެ.
އެކަމަކު އައިއެސް އިން މި ޢަމަލު އަނބުރާ ގެނެސް، ޚިލާފަތް އެނބުރި އައިސްފިނަމަ، އިންސާނުން ގަނެ ވިއްކުމުގެ މާކެޓްތައް އެނބުރި އަންނާނެ ކަމުގެ ތަސައްވުރު މީހުންނަށް ދިނެވެ.
ބ.އިސްލާމީ ނިޒާމެއްގެ ދަށުން އެ ނިޒާމާ ދެކޮޅަށް ހަނގުރާމަ ނުކުރާ އަދި އިސްލާމީ ދައުލަތުގެ ޤާނޫނުތައް ޤަބޫލުކުރާ ޣައިރު މުސްލިމުންނަށް ވަކި ޙައްޤުތަކެއް ލިބިގެންދެއެވެ. އައިއެސް އިން މި ހުރިހާ އުސޫލުތަކެއް ފައިތިލަ ދަށުގައި ފިއްތާލިއެވެ. އެކި އިސްލާމީ ދައުލަތްތަކުގެ ހިމާޔަތުގައި ގަރުނުތަކެއް ވަންދެން އުޅުނު އިރާގުގެ ޔަޒީދީން ޤަތުލުކޮށް، ޚިލާފަތުގެ މާނައަކީ އަނިޔާވެރިކަމާއި ހުދުމުހުތާރު ވެރިކަން ނޫން އެހެން އެއްޗެއް ނޫން ކަމުގެ އިޙްސާސް ކުރުމަށެވެ.
ސީ އައިއެސް ވެގެން ދިޔައީ އިސްލާމީ އެހެން ހުރިހާ ހަރަކާތްތަކެއް އުފެދުނު ފެށުނީއްސުރެ ގާތްގަނޑަކަށް ޖިހާދު އިއުލާންކޮށް ފަތުވާތައް ނެރެ، އެ ހަރަކާތްތަކާ ދެކޮޅަށް ހަނގުރާމަތައް ފެށި ފުރަތަމަ ގްރޫޕަށެވެ. އޭގެ ބޭނުމަކީ ޚިލާފަތެއް ޤާއިމުވެއްޖެނަމަ ހުރިހާ މުސްލިމުން ނިމޭނީ އެކަކު އަނެކަކާ ހަނގުރާމަކޮށް، އެހެންކަމުން މިޒަމާނުގައި އިސްލާމީ ނިޒާމެއް ތަންފީޒު ނުކުރެވޭނެކަން ޤަބޫލުކުރުމަށެވެ.
ޑީ އައިއެސް އިން އިސްލާމީ ދުނިޔެ ދާރުލްއިސްލާމް އާއި ދާރުލްހަރްބް އަށް ބަހާލިއެވެ. އެގައުމުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކަށް ދާރުލް އިސްލާމް އޭ ކިޔައި، މުސްލިމުންގެ ބިންތަކުގެ ފަސް ޕަސެންޓް ވެސް ކޮންޓްރޯލް ނުކުރި ނަމަވެސް، އެ ސަރަހައްދުގެ ކޮންޓްރޯލްގެ ބޭރުގައިވާ ކޮންމެ ސަރަހައްދަކީ ދާރުލް ހަރުބު ކަމަށް ބެލި އެވެ.
އަދި އެއަށްވުރެ ބޮޑަށް ހައިރާންވި ކަމަކީ، މުސްލިމް އަންހެނުންނަކީ އަޅު އަންހެނުންގެ ގޮތުގައި ވެސް ކަންތައްކޮށް، މުސްލިމް ދުނިޔޭގެ ބޮޑު ބައެއް ކާފަރުން ކަމަށް އިއުލާންކޮށް، އެމީހުންގެ މުދަލާއި ޝަރަފު ހަނގުރާމައިގެ ޣަނީމާއެއްގެ ގޮތުގައި ބަލާ ކަމެވެ. މި އަމަލުތަކުގެ ބޭނުމަކީ ޚިލާފަތަކީ ހަމައެކަނި ޣައިރު މުސްލިމުންނަށް ބޮޑު ނުރައްކަލެއް ނޫން ކަމާއި، މުސްލިމުންނަށް ވެސް ބޮޑު ނުރައްކަލެއް ކަމާއި، އެއީ އަނިޔާވެރިކަމާއި ހުދުމުހުތާރު ވެރިކަން ނޫން އެހެން އެއްޗެއް ނޫން ކަމުގެ ތަސައްވުރު އުފެއްދުމެވެ.
ޚިލާފަތާއި އިސްލާމީ ނިޒާމުގެ ނަމުގައި، އަދި ހުޅަނގުގެ އިރުޝާދުގެ ދަށުން އައިއެސް އިން މުސްލިމުންގެ މުދާ ލޫޓުވައި، އެމީހުންގެ ޝަރަފަށް އަރައިގަނެ، ޤަތުލުއާންމުތައް ހިންގިއެވެ. ރަނގަޅަށް ބަލާނަމަ، އޭގެ ބާރުގެ އެންމެ އުސްމިނުގައި، އައިއެސް އިން މުސްލިމުންނަށް ލިބުނު ގެއްލުމާ ގާތްގަނޑަކަށް ކާފަރުންނަށް ނުދިނެވެ. އަދި މޫސުލްގެ ތާރީހީ ގިނަ އާސާރީ ބިނާތަކާއި ޒިޔާރަތްތަކާއި އެހެނިހެން ތަރިކަ ތަންތަން ވެސް ހަލާކުކޮށްލި އެވެ.
އައިއެސްގެ ވެރިކަމުގައި މީހުން މަރާލުމާއި، ފޭރުމާއި، އަނިޔާވެރިކަން ފިޔަވައި އެހެން އެއްވެސް އަމަލީ ނިޒާމެއް ހުށަހަޅާފައެއް ނުވެއެވެ. އިސްލާމީ އިޤްތިޞާދީ ނުވަތަ ސިޔާސީ ނިޒާމެއް ޢަމަލީގޮތުން ވާނީ ކިހިނެއްކަން މުސްލިމުންނަށް އޮޅުންފިލުވައިދީފައެއް ނުވެއެވެ. އެއީ އިސްލާމީ ނިޒާމަކުން އެ ނިޒާމާ ހަނގުރާމަ ނުކުރާ ޣައިރު މުސްލިމުންނާ މުއާމަލާތް ކުރަންވީ ގޮތާއި، ދިއްމީންނަށް ލިބިފައިވާ ހައްގުތަކާއި، އިސްލާމީ ހަނގުރާމައިގެ ހަމަތަކަކީ ކޮބައިކަން ސާފުކޮށްދީފައެއް ނުވެއެވެ. އަދި އިންސާނިއްޔަތުގެ ހެވާއި ލާބައަށް ޚިލާފަތުން ގެންގުޅޭނީ ކޮންކަހަލަ ސިޔާސަތެއްކަން ވެސް ބަޔާންކޮށްދީފައެއް ނުވެއެވެ.
މި ހުރިހާ ކަމެއް އައިއެސް އުފެދުނު މުޅި މުއްދަތުގައި ވެސް ސާފެއް ނުވެ އެވެ. އެއީ ހުޅަނގުގެ މިސްރާބަށް އަމަލުކުރަމުން އައިއެސް އިން ހަމަ މި އަމަލުތައް ކުރިއަށް ގެންގޮސް، ޚިލާފަތަކީ މިއަދުގެ ދުނިޔޭގައި ތަންފީޒު ނުކުރެވޭނެ އަނިޔާވެރިކަމާއި ހުދުމުހުތާރު ވެރިކަމުގެ ނިޒާމެއް ކަމުގެ އިހުސާސް މީހުންނަށް ދިނުމުންނެވެ.
އަދި ހަމަ އެގޮތަށް ވީއެވެ.
އައިއެސް އުފެދުމުގެ ކުރިން ޒުވާނުން ސެކިއުލަރިޒަމް އިން ވަރުބަލިވެފައި ތިބި އިސްލާމީ ގިނަ ގައުމުތަކުގައި އިސްލާމީ ވެރިކަމުގެ ނިޒާމެއްގެ އެދުން ދުވަހުން ދުވަހަށް ވަރުގަދަވަމުން ދިޔައެވެ.
އެކަމަކު 2014 އާއި 2018 އާ ދެމެދު އައިއެސްގެ މަޝްރޫއުގެ ހަގީގަތް މީހުންނަށް ފެނި، ޒުވާން މުސްލިމުންނަށް މިއީ އެމީހުން ގޮވާލަމުން އައި ހަމަ ޚިލާފަތް ކަމުގެ ތަސްވީރު ދެއްކުމުން، ގިނަ ޒުވާން މުސްލިމުން އެ ޚިޔާލާ ދުރުވެ، ސެކިއުލަރ ވިސްނުމަށް ތާއީދު އިތުރުވި އެވެ. އެންމެ ފަހުން ޚިލާފަތާއި އިސްލާމީ ނިޒާމުގެ ވާހަކަ ދެއްކުމަކީ ވެސް އާދައިގެ މުސްލިމުންގެ ސިކުނޑީގައި ކިރިޔާވެސް ކުށަކަށް ވެގެން ދިޔައެވެ. އިސްލާމްދީން އެއްގޮތަކަށްވެސް ފެތުރެމުން އައި ޤައުމުތަކުގައި އިސްލާމީ ނިޒާމް މީހުންގެ ސިކުނޑީގައި ބިރުވެރިކަމާއި އަނިޔާވެރިކަމާ ގުޅުވައިގެން ދިޔައެވެ.
އައިއެސް އުފެދުމުގެ ކުރިން މިޞްރާއި، ޓިއުނީޝިއާއާއި، އުރުދުންއާއި، ތުރުކީގެ އިސްލާމިސްޓުން އިސްލާމީ ނިޒާމެއްގެ ޚިޔާލު ފެތުރުމަށް ވަރުގަދަ ދުވެލިތަކެއް ގެންގުޅުނުއިރު، ގިނަ ޒުވާން މުސްލިމުން އެ ތަޞައްވުރަށް ދަމައިގަތެވެ. އެކަމަކު އައިއެސްގެ އަމަލުތަކާއި ޖަރީމާތަކަށް ފަހު އިސްލާމީ ޒުވާނުންގެ ނުފޫޒު ބަލިކަށިވިއިރު، އިސްލާމީ ނިޒާމަކާއި ޚިލާފަތަކީ އައިއެސްގެ އަނިޔާވެރިކަމާއި އަމަލުތަކާއި ހުދުމުހުތާރު ވެރިކަމާ އެއް މާނައެއް ކަމަށް މީހުންނަށް ގަބޫލުކުރެވުނެވެ.
މިގޮތަށް އައިއެސްގެ އަމަލުތަކުގެ ސަބަބުން ސެކިއުލަރިސްޓުންނާ ހަވާލުވީ ބާރުގަދަ މައުޟޫއަކާއި އިސްލާމީ ނިޒާމާއި ޚިލާފަތާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕްރޮޕެގެންޑާ ޓޫލެކެވެ. އެމީހުންނަށް އައިއެސްގެ އަމަލުތަކަކީ އިސްލާމީ ނިޒާމަކާއި ޚިލާފަތުގެ ހަމަ ފިކުރާއި ދެކޮޅު ޙުއްޖަތެއްގެ ގޮތުގައި އިޝާރާތް ކުރެވިދާނެއެވެ.














































