ލިޔުންތެރިޔާ: ހިޖާޒު ތަމީމް
ބޭރުގެ ކުންފުނިތަކުން ލިބޭ މާލީ އެހީތެރިކަން
މާލީ ގޮތުން އަމިއްލައަށް ދިރިއުޅެވޭނެ ގޮތް ޤާއިމުކުރުމަށްޓަކައި ދާޢިޝީ ޚަވާރިޖުން ކުރެވެން އޮތް ހުރިހާ މަގެއް ބޭނުންކޮށްފައިވާކަން ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ހަމައެއާއެކު، ހުޅަނގުގެ ދުނިޔެއިން- ބައެއް ފަހަރު އެނގިހުރެ ނުވަތަ އިހުމާލުން- ވަނީ އެ ޖަމާއަތުގެ އަމިއްލަ މަސްލަހަތާ އެއްގޮތްވާ ގޮތުގެ މަތިން މާލީ ފުރުސަތުތައް ފަހިކޮށްދީފައެވެ. މި ބައިގައި އަލިއަޅުވާލާފައިވަނީ އެކި ބަހަނާތަކުގެ ދަށުން އައިއެސްއަށް އެތައް މިލިއަން ޑޮލަރެއްގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ރިޕޯޓްތައް ބުނާ ބޭރުގެ ބައެއް ކުންފުނިތަކަށެވެ.
1. ލަފާރޖް – ފްރާންސްގެ ސިމެންތި ކުންފުނި
ހަ މިލިއަނަށް ވުރެ ގިނަ ޑޮލަރު އައިއެސްއަށް ފޯރުކޮށްދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ގަބޫލުކުރެވޭ ރިޕޯޓްތައް ބުނާ ގޮތުގައި ލަފާޖް އާއި އައިއެސްއާ ދެމެދު އޮތީ ދެފަރާތުގެ ގުޅުމެކެވެ. އެ ގްރޫޕުން ވަނީ ރޯ މެޓީރިއަލް ގަތުމާއި، ސިމެންތި ވިއްކުމާއި، ކުންފުނީގެ މުވައްޒަފުންނާއި ޓްރާންސްޕޯޓް ކޮންވޯއީގެ ރައްކާތެރިކަން ކަށަވަރުކޮށްދީފަ އެވެ. ބަދަލުގައި ލަފާޖް އައިއެސް އަށް އެއްބާރުލުން ދިނީ ވާދަވެރިންނަށް ހުރަސް އެޅުމުގެ ގޮތުން- ޚާއްސަކޮށް ސީރިއާއަށް އަގުހެޔޮ ތުރުކީ ސިމެންތި އެތެރެކުރުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ.
ދަ ގާޑިއަން އިން ބުނާ ގޮތުގައި 2013 އާއި 2014 އާ ދެމެދު ލަފާޖުން ވަނީ ސީރިއާގެ އުތުރުގައި ހުންނަ އެ ކުންފުނީގެ ފެކްޓްރީގެ އޮޕަރޭޝަންތައް ދެމެހެއްޓުމަށް އެތައް މިލިއަން ޑޮލަރެއް އައިއެސްއަށް ދީފަ އެވެ. މި ފައިސާ ދެއްކީ ރޯ މެޓީރިއަލް ރައްކާތެރިކުރުމަށާއި، ސިމެންތި ވިއްކުމުގެ ހުއްދަ ދިނުމަށާއި، ކުންފުނީގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ގޮތް ކަށަވަރުކުރުމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ލާފާޖްގެ ސީރިއާގެ އޮޕަރޭޝަންތަކުގެ ވެރިޔާ ބްރޫނޯ ޕެޝެކްސް ވަނީ އޭނާގެ އެކުވެރިންނަށް މި މުއާމަލާތްތައް ހަރުކަށި ސިއްރުކޮށް ބެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ. ކުންފުނީގެ އެތެރޭގެ އީމެއިލްތަކުން ދައްކާ ގޮތުގައި ޕެރިހުގައި ހުންނަ ލާފާޖްގެ މައި އޮފީހުގެ އިސް އެގްޒެކެޓިވުންނަށް އެ މުއާމަލާތްތައް އެނގި، ހެކިތައް ފޮރުވުމަށް ފިޔަވަޅުތައް އެޅި އެވެ.
2022 ވަނަ އަހަރު އެމެރިކާގެ ކޯޓެއްގައި ލަފާޖް ވަނީ ޓެރަރިޒަމަށް ތާއީދު ކުރުމުގެ ދައުވާއަށް އިއުތިރާފުވެ، 778 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. މިއީ އައިއެސްއަށް މާއްދީ ގޮތުން ތާއީދުކުރި ކަމަށް ބުނެ ކޯޕަރޭޝަނެއްގެ މައްޗަށް ޖިނާއީ ކުށް ސާބިތުވި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން އައިއެސްގެ ދަށުން ބޮޑެތި އަނިޔާވެރިކަން ތަހައްމަލުކުރި ޔަޒީދީ މައިނޯރިޓީގެ 800 އަށް ވުރެ ގިނަ މެމްބަރުން ވަނީ ލަފާޖްއާ ދެކޮޅަށް އެމެރިކާގައި ދައުވާކޮށް، ބަދަލު ހޯދުމަށް އެދިފަ އެވެ.
އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކުގައި ބައިވެރިވި ކަމަށް ބުނެ ފްރާންސްގައި ވެސް ލަފާޖްގެ ގާނޫނީ ތަހުގީގު ކުރިއަށް އެބަދެ އެވެ. 2015 ވަނަ އަހަރު ގަތް ލަފާޖްގެ ބެލެނިވެރި ކުންފުނި ހޯލްސިމް އިން ބުނީ ސީރިއާއާ ގުޅުން ހުރި މުއާމަލާތްތަކުގެ ކުރިން އެނގިފައި ނުވާ ކަމަށާއި މި ފިޔަވަޅުތައް އަޅާފައިވަނީ އެ ކުންފުނީގެ ރުހުމާ ނުލައި ކަމަށެވެ. މި މައްސަލައިގެ ސަބަބުން ކޯޕަރޭޓް އެކައުންޓެބިލިޓީއާ ގުޅޭގޮތުން ސީރިއަސް ސުވާލުތަކެއް އުފެދިފައިވާއިރު، ޚާއްޞަކޮށް ކޮންފްލިކްޓް ޒޯންތަކުގައި ހިންގާ މަލްޓިނޭޝަނަލް ކުންފުނިތަކަށް ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.
2. ޓްވިޓަރ (މިހާރު އެކްސް)
ޓައިމް މެގަޒިންގެ ރިޕޯޓެއްގައިވާ ގޮތުން 2016 ވަނަ އަހަރު އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ އަންހެނަކު ކަމަށްވާ ތަމަރާ ފީލްޑްސް ވަނީ ޓްވިޓާ (މިހާރު އެކްސް) އާ ދެކޮޅަށް ދައުވާކޮށް، އެ ޕްލެޓްފޯމްގެ ސަބަބުން އައިއެސް އަށް ރިކްރޫޓް ކުރުމާއި ފައިނޭންސް ކުރުމާއި ޕްރޮޕެގެންޑާ ކުރުމަށް މަގުފަހިވެފައިވާ ކަމަށް ބުނެ އެވެ. ދައުވާގައި ބުނެފައި ވަނީ އައިއެސްގެ ލީޑަރުންނަށް އެމީހުންގެ މެސެޖުތައް ބްރޯޑްކާސްޓްކޮށް، ފޮލޯވަރުން ޝައުގުވެރިކޮށް، ފައިސާ ހޯދުމަށް ޓްވިޓާއިން ވަސީލަތެއް ލިބިގެން ދިޔަ ކަމަށެވެ. ޓްވިޓާއިން އެ ތުހުމަތުތައް ދޮގުކުރި ނަމަވެސް، މި މައްސަލައިގައި ޓެކް ކުންފުނިތަކުގެ ޒިންމާތަކާއި ޓެރަރިސްޓް ޖަމިއްޔާތަކަށް އެހީތެރިވުމުގައި އެ ކުންފުނިތަކުން އަދާކުރެވިދާނެ ދައުރާ މެދު ފުޅާ ބަހުސްތަކެއް ކުރެވުނެވެ.
3. ފޭސްބުކް އަދި ގޫގުލް
ސީއެންއެން އިން ބުނާ ގޮތުގައި އޮރލަންޑޯ ނައިޓް ކްލަބުގައި ހިނގި ބަޑިޖެހުމުގެ ހާދިސާގައި ޝިކާރަވި މީހުންގެ އާއިލާތަކުން ވަނީ އައިއެސްގެ ޕްރޮޕެގެންޑާ އާއި ފައިނޭންސިން އަދި ރިކްރޫޓްމަންޓް މަސައްކަތްތަކަށް ފުރުސަތު ދިން ކަމަށް ތުހުމަތުކޮށް ފޭސްބުކް، ޓްވިޓާ އަދި ގޫގުލްއާ ދެކޮޅަށް ދައުވާކޮށްފަ އެވެ. ދައުވާ ލިބޭ ފަރާތްތަކުން ބުނީ މި ޕްލެޓްފޯމްތަކުގެ ސަބަބުން އައިއެސްއަށް މެސެޖުތައް ފެތުރުމާއި އާ މެމްބަރުން ހޯދުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ ގްރޫޕް ފުޅާވެ ހަމަލާތައް ދިނުމުގައި އެހީތެރިވެދީފައިވާ ކަމަށެވެ.
ނޯޓް:
ޖޫން 12، 2016 ގައި ފްލޮރިޑާގެ އޮރލަންޑޯގައި ހުންނަ ގޭ ނައިޓް ކްލަބެއް ކަމަށްވާ ޕަލްސްގައި ގިނަ ބަޔަކު ބަޑިޖަހާފައިވެ އެވެ. އައިއެސްއަށް ބައިއަތު ހިފާފައިވާ ބަޑިޖެހި މީހަކު ދިން މި ހަމަލާއަކީ އެމެރިކާގެ ތާރީހުގައި ހިނގި އެންމެ ނުރައްކާތެރި އެއް ބަޑިޖެހުމުގެ ހާދިސާ އަކަށް ވެގެން ގޮސް 49 މީހުން މަރުވެ 53 މީހުން ޒަހަމްވި އެވެ.
4. ތަވާސުލް ކުންފުނި
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޜަރީން 2018 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ސީރިއާގައި ހިންގާ ތަވާސޯލް ކޮމްޕެނީއަކީ އައިއެސްއަށް މާލީ، މާއްދީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވި ކުންފުންޏެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ކުންފުނި ބޭނުންކުރީ އައިއެސްގެ ހަނގުރާމަވެރިންގެ މެދުގައި ފައިސާ ޓްރާންސްފާ ކުރުމަށް ކޮންޑަކްޓެއްގެ ގޮތުގަ އެވެ.
ދާޢިޝީ ޚަވާރިޖު ފިތުނަވެރިކަމުގެ ފަހަތުގައިވާ އިޤްތިޞާދީ މެޝިނަރީ ބެލުން | 6 ވަނަ ބައި
