ޑރ ހުމާމް ޚާން
ޕާކިސްތާނުގެ ސިފައިން އުފެއްދުމާއި ތަރައްޤީކުރުމުގައި އެމެރިކާގެ ދައުރާއި ނުފޫޒު
މި ދުވަސްވަރު ސީދާ އިނގިރޭސިންގެ ނުފޫޒު ފޯރާފައިވާ މި އަސްކަރީ ޖީލުގެ ހިޔަނި ދަށުގައި އިތުރު އަސްކަރީ ޖީލެއް ވެސް ބޮޑުވެ ތަމްރީނު ކުރެވުނެވެ. މި ޖީލުގެ ތަމްރީނަށް މުހިންމު ދެ ކަމެއްގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރިއެވެ. އެއްފަރާތުން ފުރަތަމަ ޖީލުގެ އަސްކަރީ އޮފިސަރުން އިނގިރޭސި އޮފިސަރުންގެ ކިބައިން ވާރުތަވެފައިވާ ހުރިހާ ހުނަރާއި ތަޖުރިބާއެއް މި އާ ޖީލަށް ފޯރުކޮށްދިނެވެ. އަނެއްކޮޅުން ޕާކިސްތާނުގެ އަސްކަރީ އަދި ސިޔާސީ ލީޑަރޝިޕް އަވަދިނެތި އުޅުނީ އެމެރިކާއާ ގުޅުން ބަދަހި ކުރުމުގައެވެ.
އިނގިރޭސި އިސްތިޢުމާރުގެ ބަނޑުން ނިކުތް އެމެރިކާއިން ޕާކިސްތާން އެކުވެރި ޤައުމުތަކުގެ ތެރޭގައި ހިމެނުމުގައި މާބޮޑު ވަގުތު ބޭކާރު ނުކުރިއެވެ. 1954 ވަނަ އަހަރު ޕާކިސްތާނުން އެމެރިކާއާއެކު “މިއުޗުއަލް ޑިފެންސް ކޯޕަރޭޝަން އެގްރީމަންޓް” އެއްގައި ސޮއިކުރިއިރު، އޭގެ ފަހުން އެމެރިކާއިން ޕާކިސްތާނަށް އެހީ ދޭން ފެށިއެވެ. ފަހުން 1955 ވަނަ އަހަރު ޕާކިސްތާން ސީޓޯ އާއި ސެންޓޯގެ މެމްބަރަކަށް ވެ، އެކަން ކުރުމުގައި އެމެރިކާއާ އޮންނަ ގާތް ގުޅުން ފާޅުގައި ދައްކާލި އެވެ. ޕާކިސްތާނުގެ ސިފައިންގެ ތަމްރީނުތަކަށް އެމެރިކާއިންވެސް ވަރަށް ބޮޑު ސަމާލުކަމެއް ދިނެވެ.
ޕާކިސްތާނު ސިފައިންގެ އަސްކަރީ އޮނިގަނޑު އަލުން އިންތިޒާމުކުރީ އެމެރިކާ ސިފައިންގެ އޯގަނައިޒޭޝަނަލް އޮނިގަނޑުގެ އަލީގައެވެ. އެމެރިކާގެ ހަތިޔާރުތަކުން ފުރިހަމައަށް ތައްޔާރުވެ، އެމެރިކާގެ މިންގަނޑުތަކާ އެއްގޮތަށް ތަމްރީނު ލިބިފައިވާ ގިނަ ގޮފިތަކާއި ޑިވިޝަންތައް ސިފައިންގެ ތެރޭގައި އުފެއްދިއެވެ. ޕާކިސްތާނުގެ އިސް ގިނަ އޮފިސަރުންތަކެއް ތައުލީމާއި ތަމްރީނު ހޯދުމަށް އެމެރިކާއަށް ފޮނުވި އެވެ. 1955 އާއި 1958 އާ ދެމެދު، އެއީ އެންމެ ތިން އަހަރުގެ ތެރޭގައި، ހަމައެކަނި އާޓިލަރީ ޑިޕާޓްމަންޓުގެ ގާތްގަނޑަކަށް 200 އޮފިސަރުން އެމެރިކާއަށް ފޮނުވިއެވެ.
މީގެ އިތުރުން އެމެރިކާގެ އޮފިސަރުން ވެސް ޕާކިސްތާނަށް އައިސް އަސްކަރީ އެކަޑަމީތަކުގައި ކިޔަވައިދެއްވިއިރު، އެ އެކަޑަމީތަކުގެ މަންހަޖަށް ވެސް މުހިންމު ބަދަލުތަކެއް ގެނެސްފައިވެ އެވެ. މިހުރިހާ ކަމެއް ކުރިޔަސް ޕާކިސްތާނުގެ އޮފިސަރުން ވެސް ތަމްރީނު ހޯދުމަށް އިނގިރޭސިވިލާތާއި ކޮމަންވެލްތުގެ އެހެން ގައުމުތަކަށް ފޮނުވި އެވެ. މި ޕްރޮސެސްގެ ނަތީޖާއަކަށްވީ، ފިކުރީ އަދި ތާރީޚީ ބިންގަލުގައި މުހިންމު ގޮތެއްގައި އިނގިރޭސިވިލާތެއް ނަމަވެސް، އެމެރިކާގެ ނުފޫޒުން ވެސް ސާފުކޮށް ފާހަގަކުރެވޭ އަސްކަރީ ޖީލެކެވެ.
މި ޙަޤީޤަތާ ބެހޭގޮތުން ސްޓީވަން ކޯހެން ލިޔުއްވައެވެ.
“އެމެރިކާގެ އަސްކަރީ ތަޖުރިބާކާރުން ވެސް ދޭތެރެ ދޭތެރެއިން ކުއެޓާގެ ސްޓާފް ކޮލެޖަށް ޒިޔާރަތްކުރި؛ މިއީ ޕާކިސްތާނުގެ އެންމެ ދުވަސްވީ އަސްކަރީ މުއައްސަސާ ކަމަށާއި މިއަދާ ހަމައަށް ވެސް އިނގިރޭސި ސިފަތައް ހިފަހައްޓާފައިވާ މުއައްސަސާއެއް ކަމަށް ވެސް ވިދާޅުވި އެވެ. މިހެންކަމުން މި ކޮލެޖުގެ ތައުލީމީ އަދި ތަމްރީނު ނިޒާމަށް އެމެރިކާގެ ޙިއްޞާ ބޮޑު މަންހަޖު.” (ޕާކިސްތާން އާމީ: ހީސްޓްރީ އެންޑް އޮގަނައިޒޭޝަން، ސްޓީވަން ޕީ. ކޯހެން، ޞަފްޙާ 65-72)
އަދި، 1956 ވަނަ އަހަރު އެސް.އެސް.ޖީ ރަސްމީކޮށް އުފެއްދުމަކީވެސް އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސް ފޯސަސްގެ އެހީގައި ކުރެވުނު ކަމެއް ކަމަށާއި، މި ފޯސް ތަރައްޤީކޮށް ތަމްރީނު ކުރެވުނީ އެމެރިކާގެ ސްޕެޝަލް ޔުނިޓްތަކުގެ ސްޓައިލާއި މިންގަނޑަށް ކަމަށް ވެސް ވިދާޅުވިއެވެ. 1971 ވަނަ އަހަރަށް ފަހު އެމެރިކާގެ ސަމާލުކަން ވިއެޓްނާމަށް އަމާޒުވެ، ޕާކިސްތާން ވަނީ އެކުވެރި ގައުމުތަކުގެ ސަފުތަކުން ވަގުތީ ގޮތުން ވަކިވެފަ އެވެ. އެކަމަކު 1980 ގެ އަހަރުތަކުގެ ކުރީކޮޅު އެމެރިކާއަށް އަނެއްކާވެސް ސޯވިއެޓްގެ ނުރައްކަލާ ދެކޮޅަށް ޕާކިސްތާން ބޭނުންވެ، އަސްކަރީ އަދި އަސްކަރީ ނޫން އެހީތެރިކަމުގެ ދޮރުތައް ހުޅުވާލުމުން ޕާކިސްތާނުން އުފާކޮށް އެމެރިކާގެ “ފްރަންޓްލައިން އެލައިޑް” އުފަލާއެކު ގަބޫލުކުރި އެވެ. މިގޮތުން ޕާކިސްތާނުގެ ސިފައިން އަނެއްކާވެސް އެމެރިކާގެ ބެލުމުގެ ދަށަށް ދިޔައެވެ.
މި ޓްރެންޑް އަފްޣާނިސްތާނުން ސޯވިއެޓް ވަކިވުމަށްފަހު ކުރު މުއްދަތަކަށް ބަލިކަށިވި ނަމަވެސް، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ހާދިސާތަކަށްފަހު، ޕާކިސްތާން އަނެއްކާވެސް އެމެރިކާގެ “ފްރަންޓްލައިން އެލީ” އަކަށް ވެގެން ދިޔައެވެ. މި މުޅި މުއްދަތުގައި ދެވަނަ ޖީލުގެ އޮފިސަރުން ތަމްރީނު ކުރެވިފައިވަނީ، ހަމައެކަނި އިނގިރޭސިވިލާތަށް ނޫން ކަމަށާއި، އެގައުމުގެ އާ ވެރިޔާ އެމެރިކާއަށް ވެސް ވަފާތެރިވެ، އެތައް ގޮތަކުން އެއަށްވުރެ ގާތްވެފައެވެ.
ޕަރްވޭޒް މުޝައްރަފް ވެސް މި ޖީލުގެ ބައެކެވެ. އެމެރިކާގެ ނުފޫޒު ފޯރާފައިވާ ކުއެޓާގައި ހުންނަ ސްޓާފް ކޮލެޖުގައި ކިޔެވުމަށްފަހު، ލަންޑަންގެ ރޯޔަލް ކޮލެޖް އޮފް ޑިފެންސް ސްޓަޑީޒްގައި ވެސް ކިޔެވުމަށް ފަހު، 1998 ވަނަ އަހަރު ޕާކިސްތާނުގެ ސިފައިންގެ ވެރިޔާގެ މަގާމަށް އައްޔަން ކުރައްވައި، އެމެރިކާގެ މަސްލަހަތަށް ގާތްގަނޑަކަށް ނުވަ އަހަރު ހޭދަކުރެއްވި އެވެ.
މުޅި ތާރީޚުގައިވެސް ޕާކިސްތާނުގެ އަސްކަރީ ވެރިކަމުގެ ހަގީގަތް! (9)
