ދިމިޝްގުގެ ޒިޔާރަތަކަށް ހަމަލާ ދިނުމަށް ދާޢިޝް ރޭވި ރޭވުން ނާކާމިޔާބުވެފައިވާ ކަމަށް ސީރިއާގެ ދާޚިލީ ވުޒާރާއިން އަލަށް އުފެއްދި ސަރުކާރުން ރިޕޯޓްކޮށްފިއެވެ.
ސީރިއާގެ ދައުލަތުގެ ނޫސް އެޖެންސީން ބުނާ ގޮތުގައި، ޖެނެރަލް ޑިރެކްޓަރޭޓް އޮފް އިންޓެލިޖެންސް އިން ކަމާބެހޭ އިދާރާތަކާ ގުޅިގެން ދިމިޝްގުގެ ބޭރުގައި ހުރި ދާޢިޝް ފޮރުވިފައިވާ ތަނަކާ ދެކޮޅަށް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. އޭގެ ފަހުން ދާޢިޝް އާއި ގުޅުންހުރި ހަތަރު ފަރާތަކުން ވަނީ ހައްޔަރުކޮށްފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން ހައްޔަރު ކުރި މީހުން ދިމިޝްގުގެ ސައްޔިދާ ޒައިނަބުގެ ޒިޔާރަތަށް ހަމަލާއެއް ދިނުމަށް ރޭވިފައި އޮތެވެ. އަދި މި ނުބައި މަޤްޞަދަށް ގޮވާތަކެއްޗާއި އެހެނިހެން ސާމާނުވެސް އެމީހުން ވަނީ ތައްޔާރުކޮށްފައެވެ.
ދިމިޝްޤުގެ ބޭރުގައި އޮންނަ ސައިއްދާ ޒައިނަބު ޒިޔާރަތަކީ ޝީޢީންނަށް ވަރަށް ބޮޑު މުހިންމުކަމެއް ލިބިފައިވާ ޒިޔާރަތެކެވެ. އެއީ ހަޟްރަތު ޢަލީ (ރ.އ) ގެ ދަރިކަނބަލުން ސައްޔިދާ ޒައިނަބު (ރ.އ) ވަޅުލެވުނު ތަނަކީ އިމާމިއްޔާ ޝިޔާސް ޤަބޫލުކުރާ ތަނެކެވެ.
އޭގެ ކުރީ މަހު ވެސް ދާޢިޝްގެ ހަރުކަށި ފިކުރުގެ މީހުން ވަނީ ސީރިއާގެ މުޖާހިދުންގެ ކާމިޔާބީއާ ގުޅިގެން އަލަށް އުފެއްދި ސަރުކާރާ ދެކޮޅަށް ދެމިތިބޭނެ ކަމުގެ އިންޒާރު ދީފަ އެވެ. ދާދިފަހުން ނާކާމިޔާބުވި ރޭވުން ދައްކުވައިދެނީ މި ހަރުކަށި ޖަމާއަތުން ސީރިއާގައި ހިނގާ ހަމަނުޖެހުންތަކުގެ އަލިފާންގަނޑު އަލުން ރޯކޮށް، ޝާމްގެ މުޤައްދަސް ބިން ދާއިމީ ހަނގުރާމަ މައިދާނަކަށް ބަދަލުކުރަން މަސައްކަތް ކުރަމުންދާކަމެވެ.