އިސްމަތުالله ސަރްވާން
ދެވަނަ ދެކޮޅުވެރިކަން: 1958
ޕާކިސްތާން އުފެދުނު ދުވަހުން ފެށިގެން 1958 ވަނަ އަހަރާ ހަމައަށް އެގައުމުގެ ސިޔާސީ މަސްރަހު އޮތީ ނުތަނަވަސްވެ، ގިނަގިނައިން ބަދަލުވަމުންނެވެ. މަދަނީ ސަރުކާރުތަކަކީ ބަލިކަށި އަދި އަސްކަރިއްޔާގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާ ސަރުކާރުތަކެކެވެ. މަދަނީ ލީޑަރުންގެ މެދުގައި ފުން އިތުބާރު ނެތުމާއި ދުޝްމަންކަން އުފެދުނެވެ. 1958 ވަނަ އަހަރު އަޔޫބް ޚާން ވަނީ މަދަނީ ސަރުކާރު ވައްޓާލައި ހުރިހާ ބާރެއް ސީދާ އަސްކަރިއްޔާއަށް ބަދަލުކޮށްފައެވެ.
ބަލޫޗިސްތާން ހިފެހެއްޓުމަށްފަހުވެސް އަސްކަރިއްޔާގެ ފުރިހަމަ އޮޕަރޭޝަނަލް ކޮންޓްރޯލެއް ނުވަތަ އެ ސަރަހައްދުގައި ބޭނުންވާ ނުފޫޒެއް ނެތެވެ. 1955 ވަނަ އަހަރު ޕާކިސްތާނުން ވަނީ ހުޅަނގު ޕާކިސްތާނަށް ވަން ޔުނިޓް ސްކީމް ތަންފީޒު ކުރުމަށްޓަކައި އަސްކަރީ އޮޕަރޭޝަންތަކެއް ހިންގާފައެވެ. ފުރަތަމަ ސިފައިން ސަމާލުކަމާއި ލުއިފަސޭހަކަން ގެންގުޅުނީ ބައެއް ގޮތްގޮތުން ބަލޫޗް މީހުންނާ ހަތިޔާރު އެޅި ހަނގުރާމައެއް ހިނގައިދާނެ ކަމުގެ ބިރުން ކަމަށާއި ބައެއް ގޮތްގޮތުން އެ ސަރަހައްދުގައި ފައިތިލައެއް ގާއިމް ކުރުމަށެވެ. ގަބީލާ ބަލޫޗް ލީޑަރުންނަށް ވައުދުވީ ފުރިހަމަ ސިޔާސީ ބާރާއި، ފެޑެރަލް ނިޒާމުގެ ތެރޭގައި އެމީހުންގެ ހައްގުތައް ހަމަހަމަ ގޮތެއްގައި ތަމްސީލުކުރުމާއި، ބަލޫޗިސްތާނުގައި ތިބި އަސްކަރިއްޔާއިން ނޮން އިންޓަފެރެންސް ގެރެންޓީއެއް ދިނުމެވެ. މި އުސޫލުގެ ސަބަބުން، ތިން އަހަރުގެ ތެރޭގައި، ކަމާބެހޭ ފަރާތްތަކަށް ހަތިޔާރު އެޅި ދެކޮޅުވެރިކަމެއް ކުރިމަތިނުވިކަން ކަށަވަރުވިއެވެ.
ބަލޫޗިސްތާނުގައި އަސްކަރިއްޔާ ބެހެއްޓުމަށްފަހު، ގަބީލާ ނިޒާމު ރޫޅާލިއެވެ. ގަބީލާތަކުގެ ވެރިން ޖަލަށްލައި ނިކަމެތިކޮށް، ރަށްތައް ވަށާލައި، ބޮން ގޮއްވައި، އަންދާލައި، ބަލޫޗް ޖަމާއަތުގެ މެމްބަރުން ހަތިޔާރު ނައްތާލައި މަރާލުމަށް އަމާޒުކޮށްގެން އަނިޔާވެރި ކެމްޕޭނެއް ފެށި އެވެ.
އަސްކަރިއްޔާގެ އަނިޔާވެރިކަމުން ބަލޫޗް ކޮމިއުނިޓީގެ ކެތްތެރި ތަށި ފުރިގެން ދިޔައިރު، 1958 ވަނަ އަހަރު ނަވާބް ނައުރޯޒް ޚާން ބަލޫޗްގެ ލީޑަރޝިޕްގައި ގަތުލުއާންމެއް ފެށިއެވެ. ނަވާބު ނައުރޯޒް ޚާނަކީ ހޭއަރާފައިވާ ހޭލުންތެރިކަމާއި، ވަރުގަދަ އީމާންތެރިކަމާއި، ފުން ޝަރަފެއް ލިބިފައިވާ މީހެކެވެ. އެތައް ސަތޭކަ ހަނގުރާމަވެރިންނާއެކު ފަރުބަދަތަކަށް ފަހަތަށް ޖެހިވަޑައިގެން، ފަޚުރުވެރި ބަލޫޗް ރައްޔިތުންގެ ކަރާމާތާއި ޝަރަފު ދިފާއުކުރުމަށްޓަކައި ޕާކިސްތާނުގެ ސިފައިންނާ ދެކޮޅަށް ލޭއޮހޮރުވާލުމުގެ ހަނގުރާމައެއް ފެށިއެވެ.
މި ދެކޮޅުވެރިކަން ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ދެމިގެން ގޮސް ޕާކިސްތާނަށް ބޮޑު ބޮލުގެ ރިހުމަކަށް ވެގެން ދިޔައެވެ. ނަމަވެސް އެކަށީގެންވާ ހަތިޔާރާއި އެހެން ޤަބީލާތަކުގެ ވެރިންގެ ތާއީދު ނެތުމާއި، ހަރުކަށި އަސްކަރީ ކޮންޓްރޯލެއްގެ ދަށަށް އައުމުން، މި ގަތުލުއާންމަށް ކާމިޔާބު ނަތީޖާއެއް ނުލިބުނެވެ.
އެންމެ ފަހުން އަސްކަރިއްޔާއިން ވަނީ ނަވާބު ނަވާބު ނައުރޯޒް ޚާން އަށް ޤުރުއާނުގެ މައްޗަށް ގަދައަޅައި ހުވާކޮށް، ހަވާލުވެ، މަޝްވަރާގެ ތެރެއިން މައްސަލަ ހައްލު ކުރުމަށް އިލްތިމާސްކޮށްފަ އެވެ. ނައުރޯޒް ޚާން އާއި އެކު އޭނާގެ ދަރިންނާއި އެކުވެރިން ހަވާލުވެ، ހަނގުރާމަ ހުއްޓިގެން ދިޔައެވެ. ނަމަވެސް ސިފައިންގެ މުޤައްދަސް ހުވާ މުގުރާލިއެވެ. ނަވާބު ނައުރޯޒް ޚާންގެ ދަރިންނާއި އެކުވެރިން މަރުގެ އަދަބު ދިނުމުން، އޭނާ އަމިއްލައަށް ޖަލަށްލެވުނެވެ.
އަސްކަރިއްޔާއިން ކުރި މި ޣައިރު އިސްލާމީ އަދި ލާއިންސާނީ އަމަލަކީ ބަލޫޗް ރައްޔިތުން ސިފައިންނަށް އޮތް އިތުބާރު ގެއްލިގެން ދިޔަ ކަމެކެވެ. އެއީ ހުރިހާ ބަލޫޗްތަކެއްގެ ހިތްތަކުގައި އަސްކަރިއްޔާއާ މެދު އޮތް ނަފްރަތާއި އިތުބާރު ނެތްކަން ފުންކޮށްދީ، ކެތްތެރިކަމެއް ނެތި ދެކޮޅުވެރިކަމެއްގައި ބައިވެރިވުމަށް ބާރުއެޅި ކަމެކެވެ. މިއަދުވެސް ޕާކިސްތާނާ ދެކޮޅަށް ހަނގުރާމައިގެ މައިދާނަށް ބަލޫޗަކު ފިޔަވަޅު އަޅާ ކޮންމެ ފަހަރަކު އެމީހުން އިންސްޕިރޭޝަން ނަގަނީ ނަވާބް ނައުރޯޒް ޚާން ބަލޫޗްގެ ތަކުލީފާއި މަސައްކަތުންނެވެ.
ތިންވަނަ ދެކޮޅުވެރިކަން: 1962
ބަލޫޗިސްތާނުގައި، ބަލޫޗް ރައްޔިތުންގެ ސިޔާސީ، އިދާރީ، އަދި ޤަބީލާ ނިޒާމުތައް ރޫޅާލި ނަވާބް ނޮރޯޒް ޚާން ބަލޫޗްގެ ހަރަކާތް ފިއްތާލުމަށްފަހު، އަނިޔާވެރި ވަން ޔުނިޓް ސިޔާސަތު ކުރިއަށް ދިޔައެވެ. ބަލޫޗް މީހުން ދޫކޮށްލީ ސަލާމަތާއި ދިރިއުޅުމުގެ ރަނގަޅު ފެންވަރާއި އަސާސީ ހައްގުތަކުން މަހުރޫމްވެ، ހިތާމައާއި އަނިޔާގެ ބަރުދަނުގައި އުޅެން މަޖުބޫރުކޮށްގެންނެވެ.
1962 ވަނަ އަހަރު ޕާކިސްތާނުން ޣައިރު ޝަރުޢީ ބާރު ވަރުގަދަކޮށް، ބަލޫޗް މީހުންގެ ތެރޭގައި މިނިވަންކަމުގެ ރޫޙު ފިއްތާލުމަށްޓަކައި، ބާކީ ތިބި ބަލޫޗް ހަނގުރާމަވެރިން ނައްތާލުމަށްޓަކައި، ބަލޫޗިސްތާނުގެ ވަކި ސަރަޙައްދުތަކެއްގައި އަނެއްކާވެސް ހަލުވި ވައިގެ އަދި ބިމުން އޮޕަރޭޝަންތައް ފެށިއެވެ. ބަލޫޗުންގެ ދެކޮޅުވެރިކަމުގެ ލީޑަރަކީ ޚައިރު ބަޚްޝް މާރީ އެވެ. ވަރުގަދަ ހަނގުރާމަތަކަށްފަހު ޚައިރު ބަޚްޝް މާރީ އާއި އޭނާގެ ބައެއް އެކުވެރިން އަތުލައިގަނެ، އެތައް ސަތޭކަ ބަލޫޗް މީހަކު މަރާލައި، އެތައް ބަޔަކު ފަރުބަދަތަކަށް ފަހަތަށް ޖެހިފައިވާއިރު، ޚައިރު ބަޚްޝް މާރީ ޖަލަށް ފޮނުވާލިއެވެ.
މިކަމުގެ ސަބަބުން ވަގުތީ ގޮތުން ސުލްހަވެރިކަމުގެ ސިފައެއް ގެނެސް، ފާޅުކަން ބޮޑު ކޯޅުންތައް ހުއްޓުވި ނަމަވެސް، ސިޔާސީ ޝަކުވާތައް ހައްލު ނުވެ، ދުވަހެއް ދުވަހަކަށް ކޮމްޕްލެކްސްވެ، އެންމެ ފަހުން 1973 ވަނަ އަހަރުގެ ލޭއޮހޮރުވާލާ ހަނގުރާމައަށް މަގުފަހިވެގެން ދިޔައެވެ.















































